ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންރޭ ވެސް ކުރިއަށްދިޔަ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ގެއްލުނު ސިނގިރޭޓަކީ މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ޕްލައިވުޑް ޝިޕްމެންޓެއްގެ ތެރެއިން ފެނުނު 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ. މި ތަކެތި ފެނުނީ ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު އާންމުކުރައްވަމުން ގެންދަވާނެއެވެ.