ކ. ރަސްމާލެ ހިމެނޭހެން ރަށްތަކުގެ ބިންހިއްކުމަށް ބޭނުންވާ ތިން ޑްރެޖަރެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން ވަރަށް އަވަހަށް ގެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ށ. ކޮމަންޑޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ސަރުކާރުން ކައިރި ކައިރީގައި އެއާޕޯޓުތައް އަޅަމުންދާތީ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަސް ނިމޭއިރު 11،000 ޓަނުގެ ޑްރެޖަރެއް ގެނެސް، ތ. ވިލުފުށީގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެއެވެ. އަދި މި އަންނަ މަހުގެ ތިންވަނަ ހަފުތާގައި 45،000 ޓަނުގެ ޑްރެޖަރެއް ގެނެސް ރަސްމާލޭގެ މަސައްކަތް ފަށާނެ ކަމަށާއި، ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާގައި އިތުރު 45،000 ޓަނުގެ ޑްރެޖަރެއް ގެނެސް ހއ. ދިއްދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށާނެ ކަމަށް ވިދާޅުވިއެވެ.
“އިތުރު ކުންފުންޏަކާ ވެސް އެމްއޭސީއެލްއިން އެއްބަސްވުން ހަދާފައި އެބަހުރި މާލޭ ސަރަހައްދުގައި ހުރި ފޭސް ތިނެއް، ގިރާވަރު، އުތުރުތިލަފަޅު މިތަންތަން ހިއްކަން ވެސް. އެފަރާތުން ވެސް އެބަ ގެނޭ ޑްރެޖަރުތައް މި މަސް ނިމޭ ހިސާބުން ފެށިގެން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރަސްމާލެއަކީ މާލޭ ކައިރި ފުށިދިއްގަރު ފަޅުން 1،009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަށެކެވެ. މި މަޝްރޫއުގެ ދަށުން 65،000 ގެދޮރު އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ ތެރެއިން ފުރަތަމަ 15،000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ.