ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އަބުރާ ބެހޭ ގާނޫނު މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޙުސްނީ މުބާރަކް ފާހަގަކުރެއްވި ގޮތުގައި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ ގަވާއިދުތަކަށް ގާނޫނީ ބާރު ލިބިފައިވާއިރު، މިހާރު ގާނޫނަކަށް ބަދަލުނުވެ އޮތީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އެކަންޏެވެ.
ބަންޑާރަ ނައިބު އުޝާމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުނު އިރު ހުރި ބައެއް ގަވާއިދުތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނެއް އެކުލަވާލެވުނެވެ. އަދި މި ގާނޫނު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އުވިގެންދާނެތީ، އޭގެ ކުރިން އަބުރާ ބެހޭ ގާނޫނެއް މަޖިލީހުން ފާސްކުރުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“މި ދައުރުގެ ތެރޭގައި ނުހިމެނިއްޖެ ނަމަ، އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި އެންމެ ލަސްވެގެން އަބުރުގެ ގާނޫނު ހުށަހަޅާނަން،” ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި މި ގާނޫނު މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ލިސްޓުގައި މި ބިލު ހިމެނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.