ސައިބާކްރައިމް ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި މުއާހަދާގައި ރާއްޖެ ބައިވެރިވުމާމެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ މުއާހަދާގައި ބައިވެރިވުމަށް ރުހުން ދިނުމަށެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާގުން ވަނީ ރިޕޯޓް ފާސްކޮށްފައެވެ.
“ޔޫއެން ކޮންވެންޝަން އޮން ސައިބާކްރައިމް” ގެ ނަމުގައި މި މުއާހަދާ އެކުލަވާލާފައިވަނީ އދ.ގެ އާންމު މަޖިލީހުންނެވެ. މިއީ 2017 ވަނަ އަހަރު ރަޝިޔާއިން އިސްނަގައިގެން އދ. އަށް ހުށަހެޅި މުއާހަދާއެއް ކަމަށްވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އދ.ގެ އާންމު މަޖިލީހުން މި މުއާހަދާ ފާސްކޮށްފައެވެ.
މި މުއާހަދާގެ ދަށުން، އިންޓަނެޓްގެ ޒަރީއާއިން ކުރާ ކުށްތައް ހުއްޓުވުމަށް ބައިވެރިވާ ޤައުމުތަކުގެ ގާނޫނުތައް އެއްގޮތްކޮށް، އެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވާންޖެހެއެވެ. އަދި އައިޓީ ފްރޯޑާއި ގާނޫނާ ހިލާފަށް މީހުންގެ ޑިވައިސްތަކަށް އެކްސެސްވުން ފަދަ ކަންތައްތައް އެއީ ޖިނާއީ ކުށްތަކެއްގެ ގޮތުގައި ކަނޑައަޅަންޖެހޭނެއެވެ.