ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ހިދުމަތްދޭ ތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅުގައި ގިނަ ތަރައްގީގެ މަޝްރޫޢުތަކެއް ފައްޓަވާފައިވާ ކަމަށެވެ. ވާރޭވެހުމުގެ ސަބަބުން ބައެއް މަޝްރޫޢުތަކުގެ އަސާސް އެޅުން ލަސްވިނަމަވެސް، ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ އިތުރު އިމާރާތެއް އެޅުމާއި، ކައުންސިލް ސެކްރެޓޭރިއެޓް، މާންގޫދޫ ސްކޫލް، ގުރުއާން މަރުކަޒު، ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރު އަދި ފުލުހުންގެ މަރުކަޒު ހިމެނެއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ. މިގޮތުން މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ހަވާލުވެ ކުރިއަށް ގެންދާނެކަމަށާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ރައްޔިތުންގެ ހިޔާލާއެކު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު އަވަސްކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މީގެއިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއެކު ގޮނޑުދޮށް ތަރައްގީކުރުމުގެ މަޝްރޫޢެއްވެސް ކުރިއަށް ގެންދެވޭނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ފުޓްބޯޅަ ދަނޑާއި މިސްކިތެއް އެޅުމުގެ މަޝްރޫޢުވެސް ހިމެނޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އަތޮޅުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ، ގައުމު ބިނާކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ އެދުންތަކަށް އިޖާބަދިނުމަށް ސަރުކާރުން ގެންގުޅޭ އަޒުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ރައްޔިތުން މަރުކަޒުކޮށްގެން ކުރިއަށްގެންދާ ވެރިކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށާއި، މިގޮތަށް ކުރިއަށް ގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.