2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޞިއްޙީ ދާއިރާއަށް 500 މިލިއަން ރުފިޔާ ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދެވޭ ވަރުގެ އިސްކަމެއް ދެވިގެން އެކުލަވާލެވޭ ބަޖެޓެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް ރާއްޖޭގައި ހެދޭނެ މަގު ފަހިކުރެއްވުމަށް 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނެއެވެ. މީގެ ތެރޭގައި މާލެ އާއި ސަރަޙައްދީ ހޮސްޕިޓަލުތަކާއި ވަކިވަކި ރަށްތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ.
އަދި މި މަސައްކަތްތައް ކުރިއަށް ގެންދަވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. މި ދާއިރާ ތަރައްޤީ ކުރެއްވުމަށް ފުޅާ ދާއިރާއެއްގައި އައު މަޝްރޫޢުތަކެއް ވެސް ބަޖެޓުގައި ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.