ދިވެހިރާއްޖެއާއި މިޞްރު ޖުމްހޫރިއްޔާއާ ދެމެދު ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މިޞްރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރެވުނު މަސައްކަތްތައް ރަސްމީ އޮނިގަނޑެއްގެ ތެރެއަށް ވަދެގެން ދާނެއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް މިޞްރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިޞްރުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކޮށް، ތަރައްޤީއަށް މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ. މިދިޔަ ހުކުރު ދުވަހު ފެށުނު މި ދަތުރުފުޅާއެކު، ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.