ކާރިސާތަކަށް ތައްޔާރުވުމާ ބެހޭ ގޮތުން މުޅި ރާއްޖޭގައި ހިންގުމަށް ޚާއްސަ ރިސްކް ކޮމިއުނިކޭޝަން ވެބްސައިޓެއް ކަމަށްވާ “ހުޝިޔާރު” ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. މި ވެބްސައިޓް ތަޢާރަފުކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެންނެވެ.
މި ވެބްސައިޓް ތަޢާރަފުކޮށްފައިވަނީ ބައިނަލްއަގްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭއިން އިސްނަގައިގެން ބޭއްވި “ވިލުންތެރި ފެސްޓު” ގައެވެ. އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި “ހުޝިޔާރު” ވެބްސައިޓް ތަރައްގީކޮށްފައިވަނީ ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދިން އެހީގެ ދަށުންނެވެ.
މި ޕްލެޓްފޯމުގައި މޫސުމީ އިންޒާރުދޭ އެލާޓްތަކާއި، ނުރައްކަލަށް ޚާއްސަ ގައިޑްލައިންތަކާއި، ކާރިސާތަކުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެއެވެ.
ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ މި ވެބްސައިޓް ފަސް ބަހަކުން ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވުމެވެ. އެއީ ދިވެހި އަދި އިނގިރޭސި ބަހުގެ އިތުރުން، ސިންހަލަ، ބެންގާލީ އަދި ހިންދީ ބަހެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ވެބްސައިޓް ފަރުމާކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.