ކިޑްނީ ބަލި މީހުންނަށް އިތުރު ލުޔެއް ލިބޭގޮތަށް، ބަނޑަށް ހޮޅި ލައްވައިގެން ހަދާ ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފަށައިފިއެވެ. މިއީ ރާއްޖޭގައި މި ޚިދުމަތް ފެށުނު ފުރަތަމަ ފަހަރެވެ.
މި އޮކްޓޯބަރު މަހުގެ ކުރީކޮޅު ފުރަތަމަ ފަހަރަށް ކުރެވުނު މި އޮޕަރޭޝަން ކާމިޔާބުވެފައިވާއިރު، މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ދިވެހި ޑޮކްޓަރުންގެ ޓީމަކުންނެވެ. މި ޚިދުމަތް ފެށުމާއެކު، ބަލިމީހުންނަށް އެމީހުންގެ އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި ތިބެގެން، އެއްވެސް ވޭނަކާ ނުލައި ފަރުވާ ހޯދުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.
އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ހޮސްޕިޓަލުން ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 3 އަހަރުވެފައިވީ ނަމަވެސް، މީގެ ކުރިން މި ޚިދުމަތް ފޯރުކޮށްދެމުން އައީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެންނެވެ. އެހެންނަމަވެސް މިހާރު މި ޚިދުމަތް ފޯރުކޮށްދެވެނީ އައިޖީއެމްއެޗްގެ އަމިއްލަ ޤާބިލުކަމުގެ ތެރެއިންނެވެ.
މި ޚިދުމަތް ފެށުމާއެކު، ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ ކިޑްނީގެ ބަލިތަކަށް ހޯދަންޖެހޭ ފަރުވާ ރާއްޖެއިން ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ. މިހާރު މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައިޖީއެމްއެޗްގައި ކުރިއަށްދާއިރު، މިހާރުވެސް 8 ނަރުހުން ވަނީ މި ޚިދުމަތަށް ތަމްރީނު ކުރެވިފައެވެ..