ދިރާސީ ބޭނުމަށްޓަކައި ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް ނެގުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތާ ގުޅޭގޮތުން މިހާތަނަށް 70 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންގެ ތާރީޚީ ވާހަކަތައް އެއްކުރެވި ރައްކާކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. “މި މަސައްކަތުގެ ބޭނުމަކީ ޢިލްމީ ތާރީޚީ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުން. ރާއްޖޭގެ އެކި ހިސާބުތަކުން މަޢުލޫމާތު އެއްކުރެވޭނެ” ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދާއިރާގެ ސަރުކާރުގެ ސިޔާސަތަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތަރިކައިގެ ދާއިރާގެ ތަކެތި ރައްކާތެރިކޮށް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ތަރިކައިން އާމްދަނީ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އަތޮޅުގައި “ޣާރީ ދަރުންގެ އަސަރުތައް ޙިމާޔަތްކުރުން” މި ނަމުގައި ޚާއްސަ މަޝްރޫޢެއް މިހާރު ވަނީ ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ތެރެއިން ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކޮށްދެއްވި ބަޠަލު މުޙައްމަދު ތަކުރުފާނާ ގުޅިފައިވާ އެތައް ތަރިކައެއް ޙިމާޔަތްކުރެވޭނެއެވެ.