ހައްދުންމަތީ މާވަށުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ދަރަޖައަށް ތަރައްޤީކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމުގައިވާ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި އަދި ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމްކުރުމަށް މިމަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެއިތުރުން، މާވަށަށް ޚާއްޞަ ސީ އެމްބިއުލާންސެއް ހަމަޖައްސައިދޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.
ރަށުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިހާރު ހިނގަމުންދާ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން އިތުރު 15 ހެކްޓަރު ހިއްކައި، ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ހިއްކޭ ބިމުގައި ހައުސިންގ ޕްރޮޖެކްޓްތަކާއި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު މާވަށުގައި ވަނީ ކުޅިވަރު، ތަޢުލީމު، މަސްވެރިކަން އަދި މަގުހެދުން ފަދަ 11 މުހިންމު މަޝްރޫޢެއް އިފްތިތާހުކޮށްފައެވެ. މީގެ ތެރެއިން 8 މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ހާމަކުރެއްވި ގޮތުގައި، ލ. އަތޮޅަށް އިތުރު އެއަރޕޯޓެއް ޤާއިމްކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ އެއަރޕޯޓް އެޅުމާއި، ދަތުރުފަތުރާއި، ރަށުގެ އިޤްތިޞާދު އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.