ލ. ހިތަދޫއާއި އެއަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދުރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. 81.2 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ވަނީ 500 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މަޝްރޫޢުގެ ދަށުން ހިތަދޫއާއި މެންދޫގެ ދެމެދުގައި 66 މީޓަރުގެ ކަލްވާރޓް ސެގްމެންޓާއި، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓް އަދި 165 މީޓަރުގެ އެޕްރޯޗް ރޯޑް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން މެންދޫއާއި ކުނަހަންދޫ ދެމެދުގައިވެސް 133 މީޓަރުގެ ކަލްވާރޓް ސެގްމެންޓާއި، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓް އަދި 165 މީޓަރުގެ އެޕްރޯޗް ރޯޑް ހެދުން ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން ދެރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.