ލ. ކުނަހަންދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް، އިއްޔެ ސޮއިކުރެވުނު މަގުހެދުމުގެ މަޝްރޫޢާ ގުޅުވައިގެން ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވީ ލ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކުނަހަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު އިއްޔެ ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ވަނީ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު އަލުން ފެށުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެދިފައެވެ. މީގެ އިތުރުން، ރަށު ސްކޫލުގެ މަސައްކަތް ގާތުން ބެލުމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތުގެ ދަތިތައްވެސް ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
ރައީސް ވަނީ އިއްޔެ ފެށި އަދި ސޮއިކުރެވުނު މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ސަމާލުކަމާއެކު ކުރިއަށް ގެންގޮސް ނިންމައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްގީކުރެވޭނެ ކަމަށާއި، ސްކޫލުގެ މަސައްކަތް އަންނަ ދިރާސީ އަހަރަށް ނިންމޭނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
1978 ވަނަ އަހަރުން ފެށިގެން އިންތިޚާބީ ވެރިއެއްގެ ފުރަތަމަ ޒިޔާރަތްކަމުގައިވާ މި ދަތުރުފުޅުގައި، ރައްޔިތުން ވަނީ ރައީސަށް ޝުކުރު އަދާކޮށްފައެވެ.