ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސް މުޢިއްޒު ހައްދުންމަތީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 114 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓަށެވެ. އަދި އަނެއް 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ފޮނަދޫގެ ތަރައްޤީއަށް ބޭނުންވާ ބިމުގެ ގޮތުގައެވެ.
ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2800 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ހަމަޖެހިފައިވާއިރު، މިއީ މުޅި އަތޮޅުގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން މި މަޝްރޫޢު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިއީ މުޅި އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އަދި ހަމައެއާއެކު، ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްވެސް ވަނީ ފައްޓަވައިދެއްވާފައެވެ.