އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާތައް ދައްކައި ޚަލާސްކުރަނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. މިކަން އިއުލާނުކުރެއްވީ ލ. ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި މަހުގެ ދެވަނަ ދުވަހު ރައީސް މުއިއްޒު ވަނީ، ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި ޚަލާސްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާއެކު 2.5 ބިލިއަން ރުފިޔާގެ މުއާމަލާތެއް ކުރުމަށް ފާސްކޮށްފައެވެ.
“ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ އެތައް ހާސް ރުފިޔާއެއްގެ ބިލުތައް ހުރީ ފުނިޖެހިފައި. މިހާރު ބަލައިލާއިރު ވެސް ދެ ބިލިއަނެއްހާ ރުފިޔާ ނުދައްކާ އެބަހުރި،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ އިގްތިސާދީ ހާލަތު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ ކަމަށާއި އެއީ ރައީސް ވިދާޅުވި ގޮތުގައި އެކި ސިނާއަތްތައް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތައް ލިބެން ފަށާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ.