ލ. މުންޑޫގެ ބަނދަރުގެ މައްސަލަ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މުންޑޫގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުންޑޫގެ މީސްކޮޅު މަދުނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގައި ކުރިއަށްގެންދާހެން މަޝްރޫޢުތައް އެއްވެސް ތަފާތުކުރުމެއް ނެތި އެރަށުގައިވެސް ކުރިއަށްގެންދަވާނެކަމަށެވެ.
ރަށުގެ ތަރައްޤީއަށް އެންމެ މުހިއްމު މަޝްރޫޢެއްކަމަށް މުންޑޫއިން ފާހަގަކުރަނީ ބަނދަރުގެ މައްސަލަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ހައްލެއް ގެނެސްދެއްވާނެކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މުންޑޫގެ ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކޮށް، ސްކޫލް އޭސީކޮށްދެއްވާނެ ކަމަށާއި، އެކަން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަވާދެއްވާނެކަމަށެވެ. އަދި ރަށުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެހެން ރަށްރަށުގައި ލެބޯޓްރީތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މުންޑޫގައިވެސް ސިއްޙީ ޚިދުމަތް ފުޅާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މުންޑޫގެ ބީއެމްއެލްގެ އޭޓީއެމް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ އިތުރުން، އެރަށުގެ ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމަށްޓަކައި އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.