ލ. ހުޅިމެންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފަސްތަރީގެ ރިސޯޓާއެކު ހޮޓެލް ސްކޫލެއް ހިންގައި، ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ފޯރުކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ދެވަނަ ދުވަހު މާމެންދޫގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއަކީ ރިޔާސީ އިންތިހާބުގައި ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އަދި މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ކަމަށާއި، އެއީ މި ދާއިރާގައި ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ އެންމެ މަތީ ފެންވަރުގެ ތަމްރީނުތައް ލިބި، ދާއިރާގައި ދިވެހިން އުފެއްދިގެންދާނެއެވެ. އަދި ގައުމީ ޔުނިވަރސިޓީއަށް ބޭނުންވާ ތަމްރީނުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް މި މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ހުޅިމެންދޫގައި ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ތަނުގައި އޮން ދަ ޖޮބް ޓްރެއިނިންގ ލިބިގެންދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ އަދި މިހާރުވެސް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކަށްވެސް ފައިދާވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ހާއްސަކޮށް ހުޅިމެންދޫގެ ޒުވާނުންނާއި ލ. އަތޮޅުގެ ޒުވާނުންނަށް މި ދާއިރާއިން ވަރަށް ބޮޑެތި ފުރުސަތުތަކެއް މި މަޝްރޫއުގެ ސަބަބުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވެ، މި ފުރުސަތުގެ ބޭނުން ހިފައި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށް ޒުވާނުންނަށް އިލްތިމާސް ކުރެއްވިއެވެ.