ލ. ގަމު ރައްޔިތުންނަށް ލިބެންޖެހޭ ތަރައްގީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. .
ގަމު ރައްޔިތުންނާއެކު ބޭއްވެވި ބައްދަވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ސޮއިކުރެވުނު އަދި އަމަލީ މަސައްކަތް ފެށުނު ހުރިހާ މަޝްރޫއުތަކެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމާލަދެއްވާނެ ކަމަށެވެ. އަދި ގަމަކީ އެއަތޮޅުގައި އާބާދީގެ ގޮތުން އެންމެ ބޮޑު ރަށް ކަމުގައި ވީނަމަވެސް، ޒަމާންތަކެއް ވަންދެން އާބާދީ އެއްފަސްކުރުމުގެ ވާހަކަ ދެކެވެމުން އައި ނަމަވެސް، އެކަށީގެންވާ ތަރައްގީއެއް ގެނެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުގެ ޒިންމާއަކީ ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އަދުލުވެރިކަމާއެކީގައި ގަމުގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވުން. އެކަން ތިލޮބުވެތި ރައްޔިތުންނަށް ފުރިހަމަކޮށްދޭނަން،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ޒަމާނުއްސުރެ އައިސްފައިވާ ތަފާތުކުރުމުގެ އާދަތައް ނައްތާލައި، ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ހަމަހަމަ ތަރައްގީ މި ސަރުކާރުން ގެނެސްދޭނެއެވެ. މީގެއިތުރުން، ގައުމުގައި ހަމަޖެހުމާއި އަދުލުވެރިކަން ގާއިމުކޮށް، ބޭއިންސާފުން ކަންކަން ކުރިމަތިކުރަމުން އައި އާދަ ނިމުމަކަށް ގެންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަޒީރުންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ގަމުގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައި ހިންގާނެ ގިނަ މަޝްރޫއުތަކެއްގެ މަޝްވަރާ ކޮށްފައިވެއެވެ.