މި ސަރުކާރަކީ ޒަމާންތަކެއް ވަންދެން ރަށްތަކުގެ މެދުގައި ގެންގުޅެމުން އައި ތަފާތުކުރުންތަކާއި ބޭއިންސާފުން ކުރަމުން އައި ކަންކަން ނިމުމަކަށް ގެންނާނެ ސަރުކާރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު އެންމެ ފަހު ރަށެއްގެ ގޮތުގައި ގަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްކޮށް، އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ގަމަކީ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު އެއް ރަށް ކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މި ރަށަށް އެކަށީގެންވާ ތަރައްޤީއެއް ގެނެވިފައި ނުވާ ކަމަށެވެ.
އެއް އަތޮޅެއްގައި ވެސް ރަށްތައް ތަފާތުކުރުމުގެ ސަޤާފަތެއް މީގެ ކުރީގައި އަށަގެންފައި އޮތް ކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މިއީ އެމަނިކުފާނު ޤަބޫލުކުރާ ވިސްނުމެއް ނޫން ކަމަށާއި، ހަމަޖެހުމާއި އަދުލުވެރިކަން ޤާއިމުކުރުމަށް ރައްޔިތުންނަށް ވަޢުދުވެގެން އައިސް، އެ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.