އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށާއި، ތެލަސީމިއާ ކުދިންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިއަންނަ އަހަރުގެ ބަޖެޓު ފާސްވުމާއެކު ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށްދޭ އެލަވަންސް ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، ތެލަސީމިއާ ޕޭޝަންޓުންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މި އެލަވަންސްއާއެކު، މިހާރު ހޯދަމުންދާ ފަރުވާއަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުން އަންނަނީ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ އެލަވަންސެކެވެ. އަދި 10 ކުދިންނާ ހަމައަށް މި އެލަވަންސް ލިބޭގޮތަށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ތަޢާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.