ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލާގައި އެ ވައްކަން “ކާމިޔާބުކުރަން” އެހީވި ކަމމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓުމަށްފަހު އެމްޕީއެލާ ހަވާލުކުރި ދެ ކޮންޓެއިނަރުގެ 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހުގެ ނުވަވަނަ ދުވަހެވެ. މި މައްސަލައިގައި މިހާރު ހައްޔަރުގައި ތިބި މީހުންގެ ތެރެއިން ފުލުހުން ދެން ހައްޔަރުކުރީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަސަން އަބްދުއްރަހްމާންގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ މި ވައްކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފައިވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ ގެއެއް ކަމަށްވާ ހ. އެޕޯލޯ ޓަވަރެވެ. މި ވައްކަން ރާވައި، ފަންޑްކުރުމުގެ ތުހުމަތު ދިގަލިއަށް ކުރެ އެވެ.
ހަސަން އަބްދުއްރަހްމާންގެ މައްޗަށް މި މައްސަލާގައި ތުހުމަތުކުރެވޭ ވަރުގެ ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
އޭނާ ހައްޔަރުކުރިކަން ހާމަކޮށް މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން މިދިޔަ އާދިއްތަ ދުވަހު ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ދެން ހައްޔަރުކުރީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ދިގަލިއާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.
އޭގެ ތެރެއިން އާއްޓޭއާއި ދިގަލިއަށް ވަނީ، ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތުކޮށްފައެވެ. އަދި މުއާޒާއި ޒިވާރަށް ވަނީ، އަމަލީ ގޮތުން ރާވައި ހިންގިކަމަށް ތުހުމަތުކޮށްފައެވެ.



