ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅު އަދި މާލެ އަތޮޅުގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. އޮޅުވެލިފުއްޓަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޅ. އަދި ކ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ރަށެވެ.
ޅ. އޮޅުވެލިފުއްޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތައް ވަނީ ފަށްޓަވައިދެއްވާފައެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ޅ. އޮޅުވެލިފުށީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާދެއްވާ، އެރަށުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުުގެ މަސައްކަތް ފައްޓަވާދެއްވުމުގެ އިތުރުން، އެރަށުގައި އަލަށް އިމާރާތްކުރެވޭ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވިއެވެ.
މީގެ އިތުުރުން، އެރަށުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިމާރާތް އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް ވަނީ އަޅުއްވާދެއްވާފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ އޮޅުވެރިފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި މާލެ އަތޮޅުން އެމަނިކުފާނު ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.



