ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކައިރިން މިއަދު ފަތިހު ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، ފިލަން ބޭނުންކުރި ލޯންޗު ފުލުހުން ހޯދައިފި އެވެ. މިކަން ހާމަކުރައްވާފައިވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:45 އެހާކަންހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި، އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ބިރުދައްކައިގެން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފައިވާ ކަމަށެވެ. ނަމަވެސް، ފޭރުނު ފައިސާގެ އަދަދާއި، އެ ދެ މުވައްޒަފުން ނިސްބަތްވާ ބޭންކުގެ ނަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތުހުމަތުވާ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވަނީ މި މައްސަލައިގެ ތަހުގީގުގައި އަވަސް ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރި ފުލުހުންނަށް ޝުކުރު އަދާކުރައްވައި، އެ މީހުންގެ މަސައްކަތަށް ތައުރީފުކުރައްވާފަ އެވެ.
ނަމަވެސް، މިނިސްޓަރުގެ ޕޯސްޓުގައި ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވެފައި ނުވެ އެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، މި ކުށުގައި ބައިވެރިވި އެހެން ފަރާތްތަކެއް ހުރިތޯ ބަލައި، ވީހާ ވެސް އަވަހަށް ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.



