ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ދާއިރާއެއްކަމަށާއި، އެގޮތުން ކައުންސިލްތަކުގެ މުވައްޒަފުންގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށެވެ.
ރައީސް ވަނީ، ސަރުކާރުން އިއުލާންކޮށްފައި އޮތް ގޮތަށް ނޮވެމްބަރ 1 އިން ފެށިގެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަން ހާމަކުރައްވާފައެވެ. އެގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާއިރު ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކައުންސިލްތަކަކީ މިހާތަނަށް އައިއިރު ވަރަށް ދަށް ގިންތިއެއްގައި ގިންތިކޮށްފައި އޮތް އިދާރާތަކެއް ކަމަށާއި، ނަމަވެސް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ރެއާއި ދުވާލު މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލާއެކު، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އެއްވަނަ ދަރަޖައަށް ބަދަލުކުރެވި، ނޮވެމްބަރު މަހުން ފެށިގެން މުސާރަ ބޮޑުވެގެންދާނެއެވެ. ރައީސް ވިދާޅުވީ، “އަޅުގަނޑުމެން ނިންމާފައި މިއޮތީ ނޮވެމްބަރ 1 އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްވާއިރު ރާއްޖޭގެ ހުރިހައި ސިވިލް ސަރވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް 4 އިން 3 އަކަށް ނޫން. 4 އަކުން އެއްވަނަ ގިންތިއަށް ހުރިހައި ކައުންސިލްގެ އިދާރީ މުވައްޒަފުންވެސް މަތިކޮށްލަދޭނަން.” އެހެންކަމުން ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު މި ބަދަލާއެކު މުސާރަ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ، ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ބާކީހުރި ދައުލަތުގެ މުވައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ހާމަނައިޒް ކުރެވޭނެކަމަށެވެ. ސަރުކާރުން މިކަން މިގޮތަށް ތަރުތީބުކޮށްގެން ކުރިއަށްގެންދަނީ ރައްޔިތުންގެ އާމްދަނީ މަތިކޮށްދިނުމުގެ ބޭނުމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



