ކ. ތުލުސްދޫގެ މަގު ހެދުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެށުނު ހުރިހާ މަޝްރޫޢުތަކެއް ވަރަށް ބާރަށް އަދި ހަލުވިކަމާއެކު ކުރިއަށްގެންގޮސްދެއްވާނެކަމަށެވެ. އެގޮތުން އެންމެ މުހިންމުކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނީ ތުލުސްދޫ މަގު ހެދުމުގެ މަޝްރޫޢުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރަށުގެ މަގުތައް ހަދާފައިނުވާތީ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަގުތައް ހެދުމަކީ ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
މަގު ހެދުމުގެ މަސައްކަތް ފެށޭނެ ވަގުތީ ތާރީޚާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މަހެއްހާ ދުވަސްތެރޭގައި މަސައްކަތް ބަޔަކާ ހަވާލުކޮށް، މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށުން އަމާޒުކުރައްވާ ކަމަށެވެ.



