- Advertisement -ad image

ރިސޯޓް ކުލި ދެއްކުމުގައި މަހުޖަނުންނާއި ނިކަމެތިން ތަފާތު ކުރާތީ ސަރުކާރަށް ފާޑުކިޔުން!

ad image

ގުޅުންހުރި ލިޔުންތައް

ދައުލަތައް ބިމުކުލި ނުދައްކާ ރިސޯޓުތަކުގެ ހުއްދަ ބާތިލު ކުރުމުގެ ވިސްނުން ނެތްކަން ސަރުކާރުން ހާމަކުރުމާ ގުޅިގެން ބޯހިޔާވަހިމުގެ މައްސަލައިގައި އަޑުއުފުލާ ޖަމްއިއްޔާއެއް ކަމަށް ވާ ކޮމަނާސް ފްރެންޑްޝިޕު އެސޯސިއޭޝާން ނުވަތަ އާންމުންގެ އެކުވެރި ޖަމްއިއްޔާއިން ފާޑުކިޔައިފިއެވެ.

ކުލި ނުދައްކާ ރިސޯޓްތަކުގެ ހުއްދަ ބާތިލް ކުރަން ސަރުކާރުން ނުވިސްނާކަމަށް ޓްއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އިއްޔެ މަޖިލީހުގައި ދެއެްކެވި ވާހަކަތަކާ ގުޅިގެން އާއްމުންގެ ޖަމިއްޔާ (ކޮތަރު ކޮށި)އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި މަސްތަކުގައި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް ސަރުކާރުގައި އެދި، މަޖިލީހަށް ހުށަހެޅި ނަމަވެސް އެކަމަށް އިޖާބަ ނުދީ ސަރުކާރުން އިސްނަގައިގެން މަހުޖަނުންގެ ރިސޯޓު ކުލި ކުޑަކުރަން އުޅެންފެށި ކަމަށެވެ.

އާންމުންގެ ޕްރެޝާ ބޮޑުވެ އެކަން މަޑުޖައްސާލިތާ ހަފްތާއެއް ފަހުން މަހުޖަނުންގެ ރިސޯޓުތަކުން ބިމު ކުލި ނުދައްކާ ހުރިވަރު ހާމަވެގެން ދިޔަކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެކި ރިސޯޓުތަކުން ދައުލަތަށް ބިމު ކުލީގެ ގޮތުގައި އަދި ކުލި ނުދައްކާތީ ޖޫރިމަނާ އާއި އެކު 17 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހާޒިރުވެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެފަދަ ރިސޯޓުތައް މިވަގުތު ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ކަމަކު ހިޔާ ފްލެޓްތަކަށް ކުލި ނުދައްކާނަމަ އެތަންތަން އަތުލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމަށް އިޝާރާތްކޮށް އެ ބަޔާނުގައި ވަނީ ކޮވިޑާ ގުޅުވައި މަހުޖަނުންގެ ރިސޯޓުކުލި ދެއްކުން ފަސްކޮށްދޭއިރު، ފްލެޓުތަކުގެ ކުލި ކުޑަކުރަން ނުވަތަ ފަސްކުރަން އެދުމުން ސަރުކާރުން އެކަން ނުކޮށްދޭތީ  ކަންބޮޑުވުން ފާޅުކޮށްފައެވެ.

“ކޮވިޑު ކުރިމަތިވީ މަހުޖަނުންނަށް އެކަންޏެއް ނޫނެވެ. އާންމުންވެސް ކޮވިޑާއި ކުރިމަތިލިއެވެ. ވީމާ އާންމުނަށް ނުދޭ ހައަގެއް، ނުދޭ އަހަމީއްޔަތުކަމެއް އަދި ހާއްސަކަމެއް މަހުޖަނުންނަށް ދީގެން ނުވާނެ އެވެ،” ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނީ އާންމު ނިކަމެތިންގެ ކަމަކާއި ޖެހުމުން އެއްވެސް ދޫދިނުމެއް ނެތި މަހުޖަނުންނާއި ޖެހުމުން ކޮންމެ ގޮތެއް ވަރިހަމަވާ ނިޒާމަކީ އާންމުންގެ މަސްލަހަތު އިސްކޮށްގެން ހިންގޭ ނިޒާމެއް ނޫން ކަމަށާއި އެއީ އާންމުންގެ ތަމްސީލުވެރިން ހިންގާ ސަރުކާރެއްވެސް ނޫން ކަމަށެވެ.

“ފްލެޓުވެރިންނަށް ކުލި ނުދައްކައި ނޫޅެވޭނަމަ މަހުޖަނުންނަށްވެސް ކުލި ނުދައްކައި އުޅެވިގެން ނުވާނެ އެވެ. ކުލި ނުދައްކައިފިނަމަ ފްލެޓުން އާންމުން ބޭރުކުރާނަމަ ރަށު ކުލި ނުދެއްކީމާ މަހުޖަނުންވެސް ރަށުން ބާލަން ޖެހޭނެ އެވެ،” ބަޔާނުގައި ބުނެފައިވެއެވެ.

ފްލެޓުތަކުގެ ކުލި ފަސްކޮށް، އިންސްޓޯލްމަންޓަށް ދެއްކުމުގެ ފުރުސަތު އާންމުންނަށް ނުލިބޭނަމަ ރިސޯޓު ކުލި އެގޮތަށް ބަހައިގެން ދެއްކުމުގެ ފުރުސަތު މަހުޖަނުންނަށް ވެސް ލިބިގެން ނުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ