ކ. ތުލުސްދޫ ގެސްޓްހައުސްއަކުން ބަނގުރަލާ އެކު އަންހެން ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެގޮތުން ގެސްޓްހައުސް ބަލައިފާސްކޮށް ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެކެވެ. އަދި މިއީ ހުސް ދިވެހިންނެވެ.
ފުލުހުން ވަނީ އެ މީހުން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލި ކަމަށާޢި، އަދި އެ މީހުން މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭ ކަމަށެވެ. ކޮންސްޓެބުލް މަގާމުގައި ހުރި އެ އަންހެން މީހާ އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ބޯޑަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.



