ދިވެހި ކޮންމެ ރައްޔިތެއްގެވެސް ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރާނަމަ، ޤައުމާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި، ޤައުމުގެ މިނިވަންކަން އަބަދުވެސް ހިމާޔަތްވެފައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިވެހި ޤައުމު އޮތްހާ ދުވަހަކު ޤައުމުގެ މިނިވަންކަން ދިފާއުކޮށް މިހާ ހިސާބަށް ގެނައުމުގައި ޝަހީދުވި ހުރިހާ އަބުތާލުންގެ ޒިކުރާ ތާއަބަދަށް ދެމި އޮންނާނެ ކަމަށެވެ. އަދި ދިވެހިންނަކީ އިސްލާމްދީނުގައި ސާބިތުވެ ތިބި އެއްބައެއްވަންތަ ބައެއްކަން އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދޭން ޖެހޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމަށްޓަކައި ޤުރުބާންވެވޭނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް ނޫން ކަމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަޚުރެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ. ބަވަނަވެފައިވާ ދުނިޔޭގައި އެކި ގޮތްގޮތުން ޤައުމުގެ މިނިވަންކަން ނިގުޅައިގަތުން ފަސޭހަވެފައިވީ ނަމަވެސް، ކޮންމެ ރައްޔިތަކުވެސް ޤައުމާ އެއްކޮޅަށް ވިސްނުން ގެންގުޅޭނަމަ، އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމު ދިފާއުކުރުމުގައި ރައްޔިތުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު ކަމަށްވާ ވިސްނުން ނުވަތަ ސިކުނޑި ﷲ ސުބުހާނަހޫ ވަޠަޢާލާ ދެއްވާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވިއެވެ. “ކޮންމެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަންކުރަން އަޒުމު ކަނޑައަޅައި މަސައްކަތްކުރާހާހިދަކު މި ޤައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ.”
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޤައުމެއް ޤައުމަކަށްވާނީ އެ ޤައުމުގެ އަފްރާދުންގެ ސަބަބުން ކަމަށާއި، ސަރުކާރުތަކުން ޤައުމުގައި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރި ނަމަވެސް، އަފްރާދުންގެ ވިސްނުން އޮންނަންވާނީ ޤައުމާ އެއްކޮޅަށް ކަމަށެވެ. އެގޮތަށް ވިސްނުން ނުގެންގުޅޭނަމަ، ލިބޭ ތަރައްގީގެ ބޭނުމެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ފަރުދަކުވެސް އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.



