އައްޑޫ ސިޓީ ކައުންސިލްގެ އުފެދިފައިވާގޮތަށް ބޮޑެތި ބަދަލުތައް ގެނެސް، އެ އަތޮޅުގެ ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ. މި ނިންމެވުން އައީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުމާ ގުޅޭގޮތުން އެމަނިކުފާނު ނެރުއްވި ޤަރާރެއްގެ ދަށުންނެވެ. މިއީ އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް އަންނަ މުހިންމު ބަދަލެކެވެ.
މި ބަދަލު ގެނައުމުގެ ކުރިން، ހުޅުދޫއާއި މީދޫގެ ގިނަ ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން މިދިޔަ މަހުގެ 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން އެ ދެ ރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އައްޑޫސިޓީއާ އިދާރީގޮތުން ވަކިވެ، ދެ ރަށުގައި ރަށު ކައުންސިލްތައް ޤާއިމްކުރުމަށް ފެންނަ ކަމަށެވެ. ރައްޔިތުންގެ މި ނިންމުމަށް ރައީސް ވަނީ އިޖާބަދެއްވާފައެވެ.
ރައްޔިތުންގެ މި ނިންމުމާއެކު ރައީސް ހޯމަ ދުވަހު ނެރުއްވި ޤަރާރުގައި ވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ “އައްޑޫ” އަކީ “އައްޑޫ ސިޓީ” ކަމުގައި ކަނޑައަޅުއްވައި، އެ ސިޓީގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި އެ އަތޮޅުގެ އިޙްތިސާސްގެ ބައެއްގެ ގޮތުގައި މިހާތަނަށް އޮތް ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން މި ދެ ރަށް ވަކިވެ، ރަށު ކައުންސިލްގެ ގޮތުގައި ހިންގުމުގެ މަގު ފަހިވެގެންދާނެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އެގޮތުން، އަންނަ އަހަރުގެ މާރޗް މަހުގެ 28ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫއަށް ކައުންސިލަރުން އައްޔަން ކުރާނީ ރަށު ކައުންސިލްތަކުގެ ގޮތުގައެވެ. އެހެންނަމަވެސް، އިންތިޚާބާ ހަމައަށް ހުޅުދޫ އާއި މީދޫ އޮންނާނީ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައެވެ. މިހާރު އެ ކައުންސިލްގައި ހުޅުދޫ އަދި މީދޫ ތަމްސީލް ކުރައްވަނީ ދެ ކައުންސިލަރުންނެވެ.



