ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެސިޓީގެ ތަރައްޤީއަށް މުހިންމު ހުރިހާ މަޝްރޫޢެއް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. ރޭ ފުވައްމުލަކުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޚާއްޞަކޮށް ޓާޝަރީ ހޮސްޕިޓަލް، ހައުސިންގ ޔުނިޓްތައް އަދި ބަނދަރުގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކުގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްގެންދަނީ ބޭރުގެ ފަންޑެއް ކަމަށްވާ ސަޢުދީ ފަންޑުގެ އެހީގައި ކަމަށެވެ. މި މަޝްރޫޢުގެ ޕްރޮކިއުމަންޓުގެ ކަންކަން އެއްވެސް މައްސަލައެއްނެތި ކުރިއަށްދާކަމަށާއި، ކޮންސަލްޓަންޓެއް ނަގައި ކޮންޓްރެކްޓަރާ ޙަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެއި ނުވަތަ ޖޫންއާ ހަމައަށްދާއިރު ފެށޭނެކަމަށް ލަފާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިންވެސް، ޞިއްޙީ އެހެނިހެން ޚިދުމަތްތައް ފުޅާކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ސީޓީ ސްކޭންގެ ޚިދުމަތް ދެމުންދާއިރު، މެމޮގްރަފީގެ ސާމާނު ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްއާރްއައި ޚިދުމަތް ދިނުމާއި ޑީކޮމްޕްރަޝަން ޗެމްބަރެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްއާރްއައި ސާމާނު ގެނައުމަށް ގިނަވެގެން ތިން މަސް ދުވަސް ނަގާނެކަމަށެވެ.
ހައުސިންގ މަޝްރޫޢުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ، އިއްޔެއިން ފެށި 400 ޔުނިޓްގެ މަސައްކަތުގެ އިތުރުންއިއްޔެ ސޮއިކުރި 75 ޔުނިޓާއެކު، ވަޢުދުވެފައިވާ 500 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ކުރިއަށްގެންދަވާނެކަމަށެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ތަރައްޤީކުރާ އޮފީސް ކޮމްޕްލެކްސް އިމާރާތަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ރައްޔިތުންނަށް ޚިދުމަތްތައް ޒަމާނީ ފެންވަރެއްގައި ފޯރުކޮށްދިނުމަށް ވަރަށް މުހިއްމު މަޝްރޫޢެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުވައްމުލައް ސިޓީގެ ބަނދަރުގެ މަޝްރޫޢަށް ބަލާއިރު، މިހާރު އޮތް ބަނދަރާ ގުޅުވައިގެން އައު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ދިރާސާކޮށްގެން ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މަޝްރޫޢަކީވެސް ސިޓީއަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށެވެ.



