މަތީ ތައުލީމާބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި އިސްލާހުގެ ދަށުން ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރުމަށް މިހާރު އޮތް 20 އަހަރުގެ މުއްދަތުގެ ޝަރުތު 15 އަހަރަށް ދަށްކުރެވޭނެ އެވެ.
މާފަންނު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި މި ބިލްގައިވާ ގޮތުން، ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ގަބޫލުކުރާ ޔުނިވާސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާނަމަ ވެސް ރާއްޖޭގައި ޔުނިވާސިޓީއެއްގެ ޝަރުތު ފުރިހަމަވާނެ އެވެ.
ނަމަވެސް، ކޮލެޖް ހިންގި މުއްދަތުގެ ޝަރުތު ދަށްކުރި ނަމަވެސް، ޔުނިވާސިޓީއަކަށް ބަދަލުވުމަށް ފުރިހަމަވާން ޖެހޭ އެކަޑަމިކް މިންގަނޑުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ. އެގޮތުން، ގައުމީ ސަނަދުތަކުގެ ލެވެލް 7 އަދި 9 ގެ ކޯސްތައް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއަކުން ހިންގުމަކީ ޝަރުތެކެވެ. އަދި ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދިއުމާއި، އެކަޑަމިކް މުވައްޒަފުންގެ 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ވުމަށް ވެސް މި އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ ފެންވަރުގެ ތަޖުރިބާ ލިބިފައިވުމަށް ވެސް ބާރު އަޅާފައިވެ އެވެ. އެގޮތުން، ބޭރުގެ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ ނުވަތަ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމަކީ ޝަރުތެކެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗްތައް ބޭރުގެ ޔުނިވާސިޓީތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުމާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ޔުނިވާސިޓީތަކުގެ މިންގަނޑަށް ފެތޭ ތަނަކަށް ވުމަކީ ވެސް މި ބިލްގައި ހިމެނޭ މުހިންމު ޝަރުތުތަކެކެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލް ތަސްދީގުކޮށް، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި މި އިސްލާހާ ގުޅޭ ގަވާއިދުތައް ހަދައި އަމަލުކުރަން ފެށުމަށް ވެސް ގާނޫނުގައި ލާޒިމުކުރެ އެވެ.



