ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީއާ ގުޅުން ހުރި ނުވަ ދާއިރާއެއްގެ 205 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ހެނދުނު ބަސެލޮސް ނަސެންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ރައްޔިތުންނާއި ގުޅުން ހުރި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން ސޮއިކުރި މަޝްރޫއުތަކާއެކު ޖުމްލަ 216 މަޝްރޫއެއްގައި ސޮއި ކުރެވިގެން ގޮސްފައިވާ ކަމަށާއި، މިއާއެކު 123 ރަށެއްގައި މަސައްކަތްތައް ކުރުމަށް ހަވާލު ކުރެވިގެން ގޮސްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މިދިޔަ ދެ ދުވަސް ހިމެނޭ ގޮތުން، މިއަދާއެކު މި ތިން ދުވަހު 123 ރަށުގައި މަސައްކަތް ކުރަން ހަވާލު ކުރެވުނީ، އެއްފަހަރާ އެއް ދުވަހެއްގައި، އަދި އަމުދުން ދިވެހި ޕްރައިވެޓް ސެކްޓާ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭ، މަސައްކަތް ފެށޭ ދުވަހެއް ކަމަށެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ 53 ކުންފުންޏަކާއި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގްތިސާދު ފުޅާވެ، އިގްތިސާދަށް ދިރުން އައުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމީއްޔާތު ވާހަކަ ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން 206 މަޝްރޫޢުއެއް ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށެވެ. މީގެ ސަބަބުން ބޭންކުތަކުން ފައިނޭސިންގ ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ރައްޔިތުން އެދޭ އަވަސް މިނެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިމަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން 4 އަމާޒެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަމަށް އިސްކަން ދޭނެ ކަމަށާއި، ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ޤާޢިމްކޮށް ސަރުކާރު މުޢައްސަސާތަކުން މަޝްރޫޢުތަކުގެ ހިންގުން ވަޒަން ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މެއިންޓެނެންސް ޒިންމާތައް މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިންނަށް ޕްރައިވެޓް ސެކްޓަރގެ ތެރެއިން ލިބޭ ވަޒީފާ ފުރުސަތު އިތުރުކުރުމަކީވެސް މިކަމުން ހާސިލްކުރަން ބޭނުންވާ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު ހަވާލުކުރި މަޝްރޫއުތައް
ފިޝަރިޒް – ދެ މަޝްރޫއު
އިސްލާމިކް އެފެއާސް – 14 މަޝްރޫއު
ޓޫރިޒަން އެންޑްް އެންވަޔަރުމަންޓް – 24 މަޝްރޫއު
ހޯމްލޭންޑް ސެކިއުޓީ – 39 މަޝްރޫއު
އެޑިއުކޭޝަން – 26 މަޝްރޫއު
ހެލްތް – 26 މަޝްރޫއު
ހަޔާ އެޑިއުކޭޝަން ލޭބަ އެންޑް ސްކިލްސް – ފަސް މަޝްރޫއު
ކޮންސްޓްރަކްޝަން މިނިސްޓްރީ – 13 މަަޝްރޫއު
ޔޫތު އެންވަޔަރުމަންޓް އެންޑް އާޓްސް – އެއް މަޝްރޫއު
ސްޕޯޓްސް އެންޑް ފިޓްނަސް – 52 މަަޝްރޫއު



