ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ޕާޓީން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ “ދިވެހީންގެ ރާއްޖެ” ބޮޑު އެއްވުމަށް މާލޭ ސަރަހައްދާއި މާލޭ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ދައުވަތު ދިނުމުގެ ޚާއްސަ ބޮޑު ހަރަކާތެއް މިއަދު ހެނދުނު ފަށައިފިއެވެ. މިއީ ޕީއެންސީގެ ބޮޑު ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުންނަށް ދައުވަތު ދިނުމަށް ފޮނުވާ ދައުވަތު ކާޑު ބެހުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތް ފެށުމަށް މިއަދު ހެނދުނު ޕީއެންސީގެ ހަރުގޭގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕާޓީގެ ލީޑާޝިޕާއި މާލޭ ސަރަހައްދުގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރާ ގިނަ އަދަދެއްގެ ބޭފުޅުންނާއި މަޖިލިސް މެންބަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތަށް ފަހު ޕީއެންސީ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މީޑިއާއާ ވާހަކަދައްކަވަމުން ވިދާޅުވީ، މި ޖަލްސާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދެންނެވުމުގެ ގޮތުން ރައްޔިތުންގެ ފަރާތުން ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި މި ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަތް ބަލައިގަނެ، ރައްޔިތުން މި ސަރުކާރާއި ރައީސް ޑރ. މުޢިއްޒާއެކު ތިބިކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި ރައްޔިތުން މި ޖަލްސާގައި ބައިވެރިވަނީ ސަރުކާރުގެ މިސްރާބު ރަނގަޅަށް ހުރިކަން ގަބޫލުކުރެވޭތީއާއި، ވާދަވެރި ސިޔާސީ ބޭފުޅުންގެ ވާހަކަތައް ގަބޫލުނުކުރާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ މި ޖަލްސާއަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕީއެންސީން ބާއްވާ މިފަދަ ފުރަތަމަ ބޮޑު އެއްވުމެވެ.



