އުތުރުގެ ތަރައްޤީއަށް މުހިންމު ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުޅުވަން ތައްޔާރުވެއްޖެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި އެއާޕޯޓަކީ އިންޑިއާގެ އެހީގައި ތަރައްޤީކުރި ބޮޑު މަޝްރޫޢެކެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ރައީސް މުއިއްޒު އާއި އެ މަނިކުފާނުގެ ޓީމަށް ހަނިމާދޫ ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ރަސްމިއްޔާތުގެ ތެރެއިން ހަވާ އަރުވާނެ އެވެ. މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ގާތްގަނޑަކަށް 136.6 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އައު ޓާމިނަލްގައި 2،465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެ އެވެ. މިއީ ބޮއިން 737 އާއި އެއާބަސް 320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ ރަންވޭއެކެވެ. މީގެ އިތުރުން، މި އެއާޕޯޓް ތަރައްގީ ކުރެވިފައިވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރަށެވެ.
މި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގަ އެވެ. އަދި މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ.



