ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް ރޭ ހުޅުވައިފި އެވެ. އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލާ އެކުތަރައްގީކޮށްފައިވާ، މި އެއާޕޯޓު ވެފައިވަނީ އުތުރުގެ އެންމެ ބޮޑު ލޭންޑްމާކަށެވެ.
ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ހަނިމާދޫ އެއާޕޯޓް ރަސްސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގި، ރާއްޖޭގައި ހިންގުނު އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. ޖުމްލަ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރި މި މަޝްރޫއުގެ މަސައްކަތް އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ސެޕްޓެމްބަރު 2022 ގަ އެވެ. އާ ޓާމިނަލްގެ ހިދުމަތްތައް މިދިޔަ މަހުން ފެށިގެން އަންނަނީ ދެމުންނެވެ.

މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.
ނަމަވެސް ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައެވެ. މީގެއިތުރުން އެއިރޯ ބްރިޖަކާއި، ޑިއުޓީ ފްރީ އަދި ލައުންޖާއި، އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، ކާގޯ އިމާރާތަކާއި، ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ހިމެނެ އެވެ. އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ މި ރަންވޭގެ ސަބަބުން އެއާޕޯޓުގެ ގާބިލިއްޔަތު ވަނީ އިތުރުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓްގެ ކުރިމަތީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ދެ ގައުމުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގެންނެވީ، A320ގެ މަރުކާގެ މަތިންދާ ބޯޓެއްގައެވެ. އެއީ، މިހާތަނަށް އެ އެއާޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ.
ހަނިމާދޫ އެއާޕޯޓަކީ އޮކްޓޯބަރު 1986 ގައި ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވައި، ފެބްރުއަރީ 2012 ގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރެވުނު ތަނެކެވެ.



