ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ވެގެންދާނީ ހދ. އަތޮޅާއި މުޅި އުތުރުގެ ތަރައްގީގެ ދޮރާއްޓަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ މި އެއަރޕޯޓަކީ ހަމައެކަނި ބިނާއެއް ނޫން ކަމަށާއި، މިއީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު ވަސީލަތް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތާ ގުޅޭގޮތުން ރައްޔިތުން ކުރި ސުވާލު ހަނދާން އާ ކުރައްވާފައެވެ. އަދި އެ ދުވަހު ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް، މި ސަރުކާރުން ވަނީ މަޝްރޫއުގެ މަސައްކަތް ހަލުވިކޮށް، ކުރު މުއްދަތެއްގައި 70 އިންސައްތަ މަސައްކަތް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެއަރޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގްތިސާދީ ހުރިހާ ދާއިރާއަކުންނާއި އިޖުތިމާޢީ ގޮތުންވެސް ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
“މި ދޮރާއްޓަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަލުވި މިނުގައި ހާސިލްކުރުމަށް ވަރަށް މުހިންމު ވަސީލަތެއް. މި ރަށާއި މި އަތޮޅާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތު އަޅުގަނޑު އެދެނީ ވަރަށް ފުޅާ މިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުން ހިފަން ފަށަން،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އުތުރުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރަށްތަކަށް ލިބިފައިވާ ޤާބިލުކަން މި އެއަރޕޯޓްގެ ޒަރިއްޔާއިން ހާމަވެ، މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ގޮސްފި ކަމަށެވެ. އަދި ރައީސް ވަނީ ހުޅުވިގެން ދިޔަ މި ރަނުގެ ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ގޮވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް އެދިވަޑައިގަތެވެ.
އިޤްތިޞާދީ ކުރިއެރުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ގޮތްގޮތުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ހދ. ނާގޯށީގައި ތަރައްޤިކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އުތުރުގެ ސަރަޙައްދަށް ކުރިއެރުން ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭ ހަނިމާދޫ އެއާޕޯޓު ހުޅުވާފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައެވެ. މީގެއިތުރުން އެއިރޯ ބްރިޖަކާއި، ޑިއުޓީ ފްރީ އަދި ލައުންޖާއި، އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، ކާގޯ އިމާރާތަކާއި، ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ހިމެނެ އެވެ. އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ މި ރަންވޭގެ ސަބަބުން އެއާޕޯޓުގެ ގާބިލިއްޔަތު ވަނީ އިތުރުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓަކީ އޮކްޓޯބަރު 1986 ގައި ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވައި، ފެބްރުއަރީ 2012 ގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރެވުނު ތަނެކެވެ.



