ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދަމާސް ކުންފުނީގެ ޗެއާޕާސަން މުޙައްމަދު ޞާލިޙަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިޝާން މުލީގޭ ޢިއްޒަތް އަރުވައިފިއެވެ. މި ޝަރަފު ޞާލިޙަށް އެރުވީ، ވިޔަފާރީގެ ތަފާތު އެކި ދާއިރާތަކުންނާއި އިޖުތިމާޢީ ގޮތުން ރާއްޖެއަށް ގިނަގުނަ އަދި މުހިއްމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީއެވެ. ޞާލިޙަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ޞާލިޙުގެ ވިޔަފާރީގެ ދަތުރު ފެށިފައިވަނީ ކާގޯ ކްލިއަރިންގެ މަސައްކަތުންނެވެ. އޭގެ ފަހުން ކޮންސްޓްރަކްޝަން ދާއިރާއަށް ވަދެވަޑައިގެން، އެ މަސައްކަތުން ލިބިވަޑައިގެންނެވި މަންފާއާއެކު ބައެއް ރަހުމަތްތެރިންނާއެކު އަލްޓާފް އެންޓަޕްރައިސަސްގެ ނަމުގައި ކުންފުންޏެއް އުފައްދަވައި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަދެވަޑައިގަތެވެ. އަދި އޭގެ ފަހުން ވިޔަފާރި ބައިވެރިއެއް ކަމުގައިވާ އިބްރާހީމް މުޙައްމަދު ދީދީއާއެކު ދިމްސް ކުންފުނި އުފައްދަވައި، ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއަށް ވަދެވަޑައިގެން، ރާއްޖެއިން ބޭރުން މުދާ އެތެރެކުރައްވައި ވިއްކެވުމުގެ ވިޔަފާރި ފުޅާކުރެއްވިއެވެ. ދިމްސް ކުންފުނިން ފަހުން ފަތުރުވެރިކަމުގެ ވިޔަފާރިވެސް ކުރިއަށްގެންދިޔައެވެ.
2000 ވަނަ އަހަރުގައި ޞާލިޙު ވަކިން ވިޔަފާރި ކުރައްވަން ފައްޓަވައި ދަމާސް ކުންފުނި އުފެއްދެވިއެވެ. މިހާރު އޭނާ ހުންނަވަނީ އެ ކުންފުނީގެ ޗެއާޕާސަންގެ މަޤާމުގައެވެ. ދަމާސް ކުންފުނިން މިއަދު ދަނީ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރަމުންނެވެ. މީގެ އިތުރުން، ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ވިޔަފާރީގައިވެސް ދަމާސްގެ ދައުރު ބޮޑެވެ. ޚާއްޞަކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ހެރެތެރެ ރިސޯޓު ޤާއިމުކުރެއްވުމުގައި މުހިއްމު މަސައްކަތެއް ޞާލިޙު ކުރެއްވިއެވެ. މިހާރު އޭނާ ދަނީ ހަތަރު ރިސޯޓުގެ އިތުރަށް މާލޭގައި ތިން ސިޓީ ހޮޓާ ހިންގަވަމުންނެވެ.
ވިޔަފާރީގެ މި ދާއިރާތަކުގެ އިތުރުން، އާގު ބޯޓުފަހަރު ދުއްވުމާއި، ފޯކަސް އިންފޯކޮމްއާ ގުޅިވަޑައިގެން ރާއްޖޭގައި އިންޓަނެޓް ވިޔަފާރި ފުޅާކުރެއްވުން ފަދަ ގިނަ ވިޔަފާރި ޚިދުމަތްތައް ޞާލިޙު ވަނީ ތަޢާރަފުކުރައްވާފައެވެ. އަދި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ކުރިއެރުވުމަށް ގިނަ ޚިދުމަތްތައް ކުރެއްވިއެވެ. ހަމައެހެންމެ، މެޑިކާގެ ނަމުގައި ހޮސްޕިޓަލެއް ޤާއިމުކުރައްވައި ހިންގަވަމުން ގެންދެވުމަކީ، ސިއްޙީ ދާއިރާއަށް އޭނާ ވެދެއްވާފައިވާ އަގުހުރި އެހީތެރިކަމެކެވެ. މި ގޮތުން އިޖުތިމާޢީ އެކި ދާއިރާތަކުން ވެސް ޞާލިޙުވަނީ ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވާފައެވެ.



