ދިވެހިބަހުގެ އެންމެ ފުރަތަމަ ޑރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވި ޑރ އާމިނަތު ޒާހިރަށް ސަރުކާރުން ހަނދާނީ ފިލައެއް ދެއްވައިފިއެވެ. މި ފިލާ ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއެވެ.
ޑރ އާމިނަތު ޒާހިރަށް ސަރުކާރުން ހަނދާނީ ފިލައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ޑރ ޢާމިނަތު ޒާހިރު ހޯއްދަވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ޑރ އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ޢަމަލުކުރަންވީ ގޮތްތައް ދެނެގަތުމެވެ.



