ރާއްޖެއަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދާއިމީ ކުރަން ނިންމައިފިއެވެ.
ސަޢުދީ ޢަރަބިއްޔާއަށް އިސްލާމީ ކަންތައްތަކާ
ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކުރައްވަވާ ރަސްމީ ދަތުރުގައި މިއަދު ވަނީ މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާފައެވެ.
މައްކާ ރޫޓްގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް މައްކާރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީއިން މިއަދުވަނީ ހާމަކޮށްފައެވެ. މިދިޔަ ހައްޖަކީ ރާއްޖެއަށް މައްކާރޫޓްގެ ތަޖުރިބާގެ ފަހަރު ކަމުން، މިކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑޮވްސް ޙައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި އެކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެއް ކަމަށެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީކޮށްދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.



