ކުރިއަށްއޮތް ރަމަޞާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހޭނެ އެންމެ ގިނަ އަދަދަކީ 400 ރުފިޔާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެއިތުރުން މިދިޔަ އަހަރެކޭ އެއްފަދައިން ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިކަން ރައީސް ހާމަކުރެއްވީ ރޭ ބޭއްވި ‘ދިވެހީންގެ ރާއްޖެ’ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ގޭބީސީއަކަށް އަންނަ ރަމަޞާންމަހު ކަރަންޓް ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށާއި، ބާކީބައި ޑިސްކައުންޓް ކުރެވޭނެ ކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
“ކޮންމެ ރަމަޞާންމަހަކުވެސް އަޅުގަނޑުމެން އެބަ ހަދިޔާ ދެން. ނޫނިއްޔާ ކަންތައްތަކެއް އެބަ ފަހިކޮށްދެން. ހަމަ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޞާންމަހު ނަގާނީ 400 ރުފިޔާ.” ރައްޔިތުންނަށް ދެއްވާ މި ހަދިޔާގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކޮންމެ ރަމަޞާންމަހަކު ސަރުކާރުން އަންނަނީ ރައްޔިތުންނަށް އެކި ހަދިޔާތަކާއި އިނާޔަތްތައް ފޯރުކޮށްދެމުންނެވެ. މިގޮތުން، ރޯދަ މަސް ފެށުމުގެ ކުރިން ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށްދިނުމުގެ ގޮތުންނާއި، ރޯދަމަހުގެ ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން މިފަދަ ލުއިފަސޭހަތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.



