ފަސޭހަ ގޮތް އިޚުތިޔާރުކުރެއްވުމުގެ ބަދަލުގައި މި ސަރުކާރުން އިޚުތިޔާރުކުރައްވަނީ ރަނގަޅު ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ރައީސް މިފަދައިން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، “ދިވެހީންގެރާއްޖެ” މި ނަމުގައި ރޭ، މާލޭ އާޓިފިޝަލް ބީޗުގައި ޕީ.އެން.ސީ އިން ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ކަމުގައިވާ، މަސްތުވާތަކެތީގެ މައްސަލަ އާއި، ގޭންގު ކުށުގެ މައްސަލަ އާއި، ބިދޭސީންގެ މައްސަލައަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވަނީ، ފަސޭހަ ގޮތްތައް އިޚުތިޔާރުކުރެއްވުމުގެ ބަދަލުގައި، ރަނގަޅު ގޮތް އިޚުތިޔާރުކުރައްވައިގެން ކަމަށެވެ. އެގޮތުން، އެ ދާއިރާއިން ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީ އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. ކުރަނގި އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑައެޅުއްވުމާއި، އިއްޔެ ފެށި ޚާއްޞަ އޮޕަރޭޝަނާއި، ޝަރުޢީ ދާއިރާއަށް ފުރިހަމަ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ޢަދުލު އިންސާފު ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރޭގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ގިޔަމުތަކާއި ސިޔާސަތުތައް ބައްޓަން ކުރެވިފައިވާ ގޮތާއި، ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރައްވާ ގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ، ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް އެމަނިކުފާނު ތަފްޞީލުކޮށް ވާހަކަފުޅުދެއްކެވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކީ އިސްލާމް ދީންކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
މީގެ އިތުރުން، މޯލްޑިވްސް ފަރސްޓް ޚާރިޖީ ސިޔާސަތާއި، ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރައްވައި، ހަމަޖެހުން ޤާއިމުކުރެއްވުމުގެ ސިޔާސަތުގެ މައްޗަށްވެސް މިރޭގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އެގޮތުން، އިޒްރޭލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ދިވެހިރާއްޖެއިން މަރުޙަބާކިޔާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު، އިސްރޭލުގެ ޕާސްޕޯޓަށް ރާއްޖެއިން މަރުޙަބާ ނުކިޔާނޭކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ޤައުމީ ދިފާޢީ ނިޒާމު ހަރުދަނާކުރައްވަނީ، ރައްކާތެރިކަން އިތުރުކުރެއްވުމަށް ކަމަށް ވިދާޅުވެ، ދާޚިލީ ހަމަޖެހުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަމިއްލަ މަސްލަޙަތައް ވުރެ ޤައުމު އިސްކުރެއްވުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި، ޙަޤީޤީ މާނައިގައި ޤައުމަށް ހަމަޖެހުން އަންނާނީ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނުބައި، ވިހަ އޮއިވަރު ނައްތާލުމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ފެނިފައިނުވާނޭކަމާއި، ދީނީ ހުދޫދުތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަން ރާއްޖޭގައި ފުޅާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަން ނައްތާލުމަށްޓަކައި، ހިންގުމުގެ ނިޒާމުގެ ނަޒާހާތްތެރިކަން އިތުރުކުރުމަށް ފައްޓަވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ތަރައްޤީގެ މަސައްކަތްތަކަށް ހުރަހަކަށް ނުވާނޭ ގޮތަށް، މަޝްރޫޢުތަކަށް ހުއްޓުމެއް ނާންނާނޭ މޭރުމުން ކައުންސިލަރުން އިޚުތިޔާރުކުރެއްވުމަށް އިލްތިމާސްކުރައްވައި، އެމަނިކުފާނުގެ މަސައްކަތަކަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވަމުންނެވެ.



