ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އިވެންޓުތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނެގުމަކާނުލައި ސްޓޯލް ވިއްކަމުންދާ މައްސަލައެއް އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ. މިކަމާ ގުޅިގެން އެ ކޯޕަރޭޝަނުން ވަނީ ސްޓޯލް ގަތުމުގެ ކުރިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ބާއްވާ އިވެންޓު ނުވަތަ ފެއަރތަކަށް ހުއްދަ ނަގަންޖެހޭ ފަރާތްތަކުން އެ ހުއްދަ ނުނަގާ ސްޓޯލް ވިއްކަމުންދާތީ، އާންމުންގެ ފަރާތުން ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން ޔަގީންކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން، އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީގެ ހުއްދަ އޮތް ފަރާތެއްކަން ޔަގީންކުރަން އެދިފައިވެއެވެ.
ހުއްދަ އޮތްތޯ ޔަގީންކުރުމަށް އެޗްޑީސީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނާ ގުޅޭ ނަންބަރު 3356112 އަށް ގުޅައި ސާފުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އަދި އެޗްޑީސީގެ ހުއްދަ ނެތި، މިގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އެޗްޑީސީން ވަނީ ހުޅުމާލޭގައި ފެއަރ، ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަން ވެސް ހަނދާންކޮށްދީފައެވެ.



