ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ‘ބޯހިޔާވަހިކަން އެންމެންނަށް’ ގެ ނަމުގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ރައީސް ޑރ. މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް މަގުފަހިކުރުމެވެ.
މި ސިޔާސަތުގެ ދަށުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމުގެ ސްކީމްތަކުގެ އުސޫލުތައް ވަނީ ޢާއްމުކޮށްފައެވެ. މި ސްކީމްތަކުގެ ދަށުން ފުރުޞަތު ދިނުމަށް މައިގަނޑު ހަތަރު ކެޓަގަރީއަކަށް ބަހާލާފައިވެއެވެ. އެގޮތުން، މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ޚާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގޭނެއެވެ. މީގެ އިތުރުން، އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެއެވެ. އެންމެ ފަޤީރު ޙާލަތުގައިވާ، ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެއެވެ.
ސަރުކާރުން ވަނީ ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމުގެ ސްކީމްގެ ތަފްސީލުތައް އިއުލާނުކޮށްފައެވެ. ފްލެޓް ދޫކުރުމުގެ އުސޫލުގައި ދެ ކެޓަގަރީއެއް ހިމެނެއެވެ؛ އެއީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. މި އުސޫލުތަކުގައި މީގެކުރިން ނުހިމެނޭ މުހިންމު ބަދަލުތަކެއް ވަނީ ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މި ސްކީމްގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރާނެކަން އިޢުލާނުކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7,000 ފްލެޓްގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފައެވެ.



