ސަރުކާރުން ރައްޔިތުންނަށް ދޫކުރުމަށް ހަމަޖައްސާފައިވާ 15,000 ގޯތި ދިނުމުގައި އަމަލުކުރާނެ އުޞޫލުތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (އިމާރާތް ކުރުމާބެހޭ ވުޒާރާ) އިން އާންމުކޮށްފިއެވެ. މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުންނާއި، އާބާދުކުރުމަށް ހަމަޖެހިފައިވާ ރަސްމާލެއިންނެވެ. މި އުޞޫލުތަކުގައި، ގޯތި ލިބޭނެ ފަރާތްތަކާއި ޝަރުތުތައް ވަނީ ދެ ބަޔަކަށް ބަހާލެވިފައިވާ އިރު، މި ސްކީމަށް އެދެވޭނީ ދިވެހި ރައްޔިތަކަށް ވެފައި އުމުރުން 18 އަހަރުވެފައިވާ ފަރާތްތަކަށެވެ.
މި އުސޫލުގެ ފުރަތަމަ ބައިގައި ހިމެނެނީ މާލޭގެ ރަށްވެހިންނެވެ. މި ފަރާތްތަކަށް ގޯތި ލިބޭނީ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މީގެ ތެރޭގައި މާލޭ ރަޖިސްޓްރީގައި ފެށުނީއްސުރެ ހިމެނޭ ފަރާތްތަކާއި، މާލޭ ދަފްތަރުގައިވާ ފަރާތްތަކާއި، ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ހިމެނެއެވެ. ނަމަވެސް، މާލޭ ރަށްވެއްސަކަށް ވީތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް މެނުވީ މި ސްކީމަށް އެދެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. ދެވަނަ ބައިގައި ހިމެނެނީ މާލޭގައި ދިިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. މި ބައިގެ ޝަރުތަކީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވުމެވެ.
ގޯތި ލިބުމުގެ ޢާންމު ޝަރުތުތަކުގެ ތެރޭގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް މިލްކުވެފައިނުވުން ޝަރުތުކުރެއެވެ. 400 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ލިބިފައިވާނަމަ ނުވަތަ ވާރުތައިން ބިމެއް ލިބެން އޮތްނަމަ، އެ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ބިން ދޫކޮށްލުމަށް އެއްބަސްވާންޖެހެއެވެ. މީގެ އިތުރުން، ފާއިތުވި 5 އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް އެހެން ފަރާތަކަށް ވިއްކައި ނުވަތަ ހިބައިންދީފައިނުވުންވެސް މުހިންމު ޝަރުތެކެވެ. އަދި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތްތަކަށް ވިއްކައި ނުވަތަ ދޫކޮށްލާފައިނުވުމަށްވެސް ވަނީ ޝަރުތުކޮށްފައެވެ.
ގޯތި ދިނުމުގައި ޕޮއިންޓް ދިނުމަށް ހަމަޖައްސާފައިވަނީ ވީހާވެސް ބޮޑަކަށް ވެރިފައިކުރެވޭނެ ގޮތަކަށްކަމަށް އިމާރާތް ކުރުމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. ޕޮއިންޓް ދިނުމުގައި މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުމުގެ މުއްދަތަށް ބެލުމުގެ އިތުރުން، އާއިލާގެ ގޯތިގެދޮރުގެ މިލްކުވެރިކަމާއި، އުމުރުފުރާ، އަދި އާއިލާގެ ހާލަތު (ދަރިންގެ އަދަދު ނުވަތަ ޞިއްޙީ ސަބަބުތައް) ހިމެނެއެވެ. މި ސްކީމަށް ކުރިމަތިލުމުގެ އުސޫލާއި ޕޮއިންޓް ދިނުމާ ގުޅޭ ތަފްސީލީ އުސޫލުތައް ވުޒާރާއިން ރަސްމީ ގެޒެޓުގައި ޝާއިއުކުރާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



