ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މާސްޓަރ ޕްލޭންގެ ދަށުން، “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމުގެ އުސޫލު ރޭ އާންމުކޮށްފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ގޯތި އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި ވަނީ ހާއްސަކޮށްފިއެވެ.
މި ސްކީމުގެ ދަށުން ޖުމްލަ 15,000 ގޯތި (1250 އަކަފޫޓު) ދޫކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން މި ސިޔާސަތާއެކު އަމާޒު ހިފާފައިވަނީ 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މައިގަނޑު ޝަރުތަކީ މާލޭ ރަޖިސްޓްރީގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ވުމެވެ. މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ދޫކުރާ މި ބިންތަކަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުންނާއި ރަސްމާލެއިން، މާލޭ ރަށްވެހިންނަށް ހާއްސަކުރެވިފައިވާ 10،000 ގޯތި ވަނީ ތިން ބަޔަކަށް ބަހާލެވިފައެވެ. އުފަންވީއްސުރެ މާލޭ ގެއެއްގެ ރަޖިސްޓަރީގައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި، މާލޭ ދަފްތަރުގައިވާ ފަރާތްތަކަށް 1،000 ގޯއްޗާއި، ފަހުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ހިމެނެއެވެ. މީގެ އިތުރުން މައިމުޅަވުމުގެ ސަބަބުން ނުވަތަ ހަނި ގޯޅިތަކާ ގުޅިގެން ގޯތި ބަދަލުކުރާ ފަރާތްތައް ފަދަ ޚާއްސަ ކެޓަގަރީތަކަށް 2،000 ގޯތި ވަނީ ކަނޑައަޅާފައެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ހާއްސަކުރެވިފައިވާ 3،000 ގޯތި ވެސް ދޫކުރާނީ މި އުސޫލުގެ ދަށުންނެވެ.
ގޯތި ދޫކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ވެރިފައި ކުރެވޭނެ ގޮތަކަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި ބަލާނީ މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށާއި، އާއިލާގެ ގޯތި ގެދޮރުގެ މިލްކުވެރިކަމަށާއި، އުމުރުފުރާއަށާއި، އާއިލާގެ ހާލަތަށެވެ. އާއިލާގެ ހާލަތު ބަލާއިރު ދަރިންގެ އަދަދުގެ އިތުރުން، ސިއްހީ ސަބަބުތަކާ ހުރެ ދަރިން ނުބެލޭ ނަމަ އެކަން ވެސް ވަޒަންކުރެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. މި އުސޫލުން ޕޮއިންޓް ދިނުމުގެ މަގްސަދަކީ އެންމެ ބޮޑަށް ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދިނުމެވެ.
މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވުޒާރާއިން ވަނީ އަންނަ ޖަނަވަރީ 4 އިން ފެށިގެން މާރިޗު 3 ވަނަ ދުވަހުގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ. ހާއްސަ ގޮތެއްގައި، ރައްޔިތުންނަށް ހުށަހެޅޭނީ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު” ނުވަތަ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު” ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ކަމަށް ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.



