ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިމި، ގޯތިތައް ހަވާލުކުރެވޭ ވަރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމާލެ މަޝްރޫއަކީ ޖުމްލަ 1،100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 2023 ގައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތުގައި ބިން ހިއްކަމުންދަނީ އެކި ސަރަހައްދުތައް އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.
މި މަޝްރޫއު އާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރޭ ރައީސް ވިދާޅުވީ، މަސައްކަތް އަވަސްކުރުމަށް އެންމެ ބޮޑެތި ޑްރެޖަރުތައް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށާއި، އެއާއެކު އަންނަ މާރިޗް ނުވަތަ އޭޕްރިލް ހިސާބަށް ބިން ހިއްކާ ނިމޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތަފްސީލުތައް ހިމެނޭ ހާއްސަ އުސޫލެއް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ރޭ އާއްމުކޮށްފައެވެ. ފުރަތަމަ ބުރުގައި ޖުމްލަ 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ގޯއްޗެއްގެ ބޮޑުމިނަކީ 1250 އަކަފޫޓެވެ. މިގޮތުން، މާލެ ރައްޔިތުންނަށް 10،000 ގޯތި، އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި ވަނީ ޚާއްސަކުރެވިފައެވެ.
ރައީސް ވަނީ މި މަޝްރޫއާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ނިމޭނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އެއްފަހަރަކުން އެންމެންނަށް ހައްލު ނުލިބޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަސްމާލެއަކީ ޖުމްލަ 25،000 ގޯތި ހިމެނޭނެ ތަނެއް ކަމަށާއި، އެތަން ބިނާކުރެވޭނީ މޮޑާން އިކޯ ސިޓީއެއްގެ ގޮތުގައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލޭގެ ބިން ހިއްކާ ނިމެން ވާއިރަށް، ފުރަތަމަ އިއުލާން ކުރި 15،000 ގޯތި ލިބޭ މީހުން ކަނޑައަޅައި ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި، މަސައްކަތް ކުރިއަށް ގެންދާނީވެސް އެގޮތަށް ކަމަށެވެ.



