އެންމެ ލަސްވެގެން އަންނަ ފެބްރުއަރީ މަހުގައި މާލެ ސިޓީގައި ޒަމާނީ ފެންވަރުގެ ޓެކްސީ ހިދުމަތެއް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެފެކްޓިވް އަދި މޮޑާން ދަތުރުފަތުރުގެ ނިޒާމަކީ މުހިންމުކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު ޓެކްސީ ލައިންގެ މަސައްކަތް އޮތީ ޕްރޮޑަކްޝަން މަރުހަލާގައި ކަމަށާއި، ފެބްރުއަރީ މަސް ފެށޭއިރު މާލޭގައި ފެންވަރު ރަނގަޅު ޓެކްސީ ސާވިސްއެއް ފަށާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ބާކީ ނުވާނެ ކަމަށާއި، އެ ޑްރައިވަރުންނަށް ފިކްސްޑް އިންކަމް ލިބިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭނީ އެއްވެސް ކަހަލަ ތަފާތުކުރުމެއް ނެތި ގެރެންޓީޓް ސާވިސްއެއް ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ދަތުރުފަތުރުގެ ނިޒާމާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތައް އޮންނަ ގޮތަށް ބަލާއިރު ގުޅިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، އެއާޕޯޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އާރްޓީއެލް (ރޯޑް ޓްރާންސްޕޯޓް ލިންކް) ގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. ސަރުކާރާ ހަވާލުވީ ފަހުން މިހާތަނަށް ހަތަރު އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ފަށާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ވައުދުވެފައިވާ ގޮތަށް ހުރިހާ އަތޮޅަކަށް އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައެއް ނުލެވޭނެ ކަމަށާއި، ނަމަވެސް އަންނަ އަހަރުގެ ނިޔަލަށް އާރްޓީއެލްގެ ހިދުމަތް ގާއިމްނުވާ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކޮށް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ ނަތީޖާއަކީ އެއާޕޯޓްތައް ހެދެންދެން ވެސް އާރްޓީއެލްގެ ހިދުމަތް ލިބިގެން ދިއުން ކަމަށާއި، އެއާޕޯޓް ހެދުނަސް އާރްޓީއެލްގެ ބޭނުން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.



