ސަރުކާރުންތަކުން ރައްޔިތުންނަށް ވައުދުތައް އޮން ޓައިމްއަށް ނުވަތަ ދީފައިވާ މުއްދަތަށް ނުނިންމޭ ނަމަ އެކަންވެސް ހާމަކުރަން ކެރެން ޖެހޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
ށ.ބިލަތްފަހީގައި އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާ އެއާޕޯޓުގެ މަސައްކަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބިލަތްފަހީގެ އެއާޕޯޓު މަޝްރޫއު ކްރޮސް ސަބްސިޑީ އުސޫލުން ހިންގުމަށް އެއާޕޯޓު އިއުލާނުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް 12 ޕްރޮޕޯސަލްއެއް މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އަދި މި 12 ޕްރޮޕޯސަލް ލިބިފައިވަނީ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ކުރިން އޮތް ފަސް މިލިއަން ޑޮލަރުގެ ބަދަލުގައި 3 މިލިއަން ޑޮލަރު ހިމަނައިގެން ކަމަށާއި، މިހާރު ލިބިފައިވާ ހުށަހެޅުންތަކާއެކު ޕްރޫފް އޮފް ފައިނޭންސް ދީފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގެ ޑްރާފްޓު ޤާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބުގެ ލަފައަށް ހުށަހަޅާފައިވާ ަކަމށް އޭނާ ވިދާޅުވިއެވެ.
އަދި އުންމީދުކުރައްވަނީ އެ އުސޫލުގެ ތެރެއިން އެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓަށް ފައިސާ ލިބޭނެކަމަށް ކަމުގައެވެ. އަދި ބަޖެޓުން މަސައްކަތްކުރަން ދަތިތައް ހުރުމާއެކު، މިހާރު މަސައްކަތްކުރަނީ އެ ނޫން ގޮތަކަށް ފައިސާ ހޯދުން ކަމަށެެވެ. އެހެންކަމުން އެ ހަ އެއާޕޯޓެއްގެ މަސައްކަތް ދައުރު ނިމޭއިރުވެސް ނިންމައިނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ތެދު އެއީ އެންމެ ރީތި ގޮތްކަމަށާއި ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮޮންޖެހުންތަކުގެ ވާހަކަތައްވެސް ދެއްކޭކަމަށެވެ. އަދި ވަޢުދުވަނީ ފުއްދުމުގެ ނިޔަތުގައިކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
“ތެދު އެއީ އެންމެ ރީތި ގޮތް. ތެދު ރީތި. އަޅުގަނޑު ކުރީދުވަހު މިތަނުގައި ދެއްކި ވާހަކަ އެކިގޮތްގޮތަށް ޓިކްޓޮކްގައި އުޅޭކަންވެސް އަޅުގަނޑަށް އެނގޭ.” މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު މިއަދުގެ ޖަލްސާގައި ލޭންޑް ޔޫސް ޕްލޭންގެ މައްސަލާގައިވެސް ވާހަކަދެއްކެވިއެވެ.
އެގޮތުން ޕްލޭނިންގ މިނިސްޓްރީގެ ޒިންމާއަކީ ރަށްރަށުން ލޭންޑް ޔޫސް ޕްލޭން ހުށައެޅުމުން އެ ޕްލޭން ބަލައި، ފާސް ކުރުން ކަމަށާއި އިތުރަށް މިނިސްޓްރީން ދޭންޖެހޭ ހުއްދައެއް ނޯންނާނެކަމަށް އަސްލަމް ވިދާޅުވިއެވެ.