މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މުއިއްޒު މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށްގެން މިއަދު ހަވީރު މާފަންނު، އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.
މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް، ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާގޮތަށް ފަރުމާކުރެވިފައިވާ މި ސެންޓަރުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހަވާލުކުރުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެގޮތަށެވެ.
މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެއްވާނެއެވެ. ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.
މީގެއިތުރުން ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.



