ބޮޑުތަކުރުފާނު މަގު، ސްވިމިން ޓްރެކް ކައިރީގައި ހަދާފައިވާ ތެޔޮ ޕަމްޕު ސްޓޭޝަން ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާތީ އެ ތަނުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ކޮއިމަލާ ހިނގުމާ ގުޅޭ ގޮތަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކީ އެކްސިޑެންޓުތައް ގިނައިން ހިނގާ ހިސާބެއް ކަމަށެވެ. ފުލުހުން މި ޕޯސްޓު ކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަމްޕް ސްޓޭޝަންގައި ހަރުކޮށްފައިވާ ބޮޑު ބޯޑެއް މެދުވެރިކޮށް، އާންމުންނަށް މެސެޖް ރައްދުކުރުމަށް ފަހުގައެވެ.
އެގޮތުން، އެ ސަރަހައްދުން ދަތުރުކުރާއިރު ދުވެލި މަޑުކޮށް، ފުރިހަމައަށް ސަމާލުކަން ދިނުމާއި ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުން އަދި ރައްކާތެރި މިންވަރަކަށް ދުރުމިން ބަހައްޓަން ވަނީ އެދިފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 2674 އެކްސިޑެންޓުގެ މައްސަލަތައް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވެއެވެ. ރާއްޖޭގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ވެސް ގެއްލިފައިވެއެވެ.



